(Translated by https://www.hiragana.jp/)
ދެވަނަ ބޮޑު ހަނގުރާމަ - ވިކިޕީޑިއާ Jump to content

ދެވަނަ ބޮޑު ހަނގުރާމަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ދެވަނަ ބޮޑު ހަނގުރާމަ
in the
ތާރީޚް1 ސެޕްޓެމްބަރ 1939 – 2 ސެޕްޓެމްބަރ 1945
ހަނގުރާމަ ހިިނގި ތަންޔޫރަޕް · ޕެސިފިކް ·އެޓްލާންޓިކް ·އިންޑިއަން ކަނޑު ·ދެކުނު އިރުމަތީ އޭޝިއާ ·ޗައިނާ ·ޖަޕާން ·މެދުއިރުމަތީ ·މެޑިޓެރޭނިއަން ·އުތުރު އެފްރިކާ ·މެދުތެރޭ އެފްރިކާ ·އޮސްޓްރޭލިއާ · ކެރިބިއަން· އުތުރާއި ދެކުނު އެމެރިކާ
ނަތީޖާ އިއްތިހާދުގެ ކާމިޔާބީ
ބައިވެރިން
އިއްތިހާދުން އެކްސިސް
ކޮމާންޑަރުން އަދި ލީޑަރުން
އިއްތިހާދުގެ މައިގަނޑު ލީޑަރުން:
  • ޖޯސެފް ސްޓާލިން
  • ފްރެންކްލިން ޑީ ރޫޒްވެލްޓް
  • ވިންސްޓަން ޗާޗިލް
  • ޗިއަންގް
މައި އެކްސިސްގެ ލީޑަރުން:
ލިބުނު ގެއްލުން
  • އަސްކަރީ މަރު:
  • 16,000,000
  • އާންމު މަރު:
  • 45,000,000
  • މަރުވި މީހުންގެ ޖުމްލަ:
  • 61,000,000
  • (1937–1945)
  • އަސްކަރީ މަރު:
  • 8,000,000
  • އާންމު މަރު:
  • 4,000,000
  • މަރުވި މީހުންގެ ޖުމްލަ:
  • 12,000,000
  • (1937–1945)

ދެވަނަ ބޮޑު ހަނގުރާމަ ނުވަތަ ދެވަނަ ދުނިޔޭގެ ހަނގުރާމަ (1 ސެޕްޓެމްބަރ 1939 - 2 ސެޕްޓެމްބަރ 1945) އަކީ ދެ އިއްތިހާދެއްގެ ދެމެދުގައި ހިނގި ދުނިޔެވީ ހަނގުރާމައެކެވެ: އެލައިޑް އަދި އެކްސިސް ބާރުތަކެވެ. ދުނިޔޭގެ ހުރިހާ ބޮޑެތި ބާރުތައް ހިމެނޭގޮތަށް، ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ގައުމުތަކެއް މި ހަނގުރާމައިގައި ބައިވެރިވިއެވެ. އަދި ގިނަ ގައުމުތަކުން މުޅި ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް އެ ގައުމެއްގެ އިގްތިސާދީ، ސިނާއީ އަދި ސައިންޓިފިކް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރިއެވެ. މިކަމުގެ ސަބަބުން މަދަނީ އަދި އަސްކަރީ ވަސީލަތްތަކުގެ ތަފާތު ކުޑަވެގެން ދިޔައެވެ. މި ހަނގުރާމައިގައި މަތިންދާބޯޓުތަކުގެ ދައުރު ވަރަށް މުހިންމުވިއެވެ. އޭގެ ސަބަބުން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮން އެޅުމާއި ހަނގުރާމައެއްގައި މިހާތަނަށް ބޭނުންކޮށްފައިވާ ހަމައެކަނި ދެ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ލިބުނެވެ. މިއީ ތާރީޚުގައި އެންމެ ގިނަ މީހުން މަރުވި ހަނގުރާމައެވެ. މި ހަނގުރާމައިގައި 70-85 މިލިއަން މީހުން މަރުވިއެވެ. މިލިއަނުން މީހުން މަރުވީ ނަސްލު ހުސްކުރުމުގެ ހަރަކާތްތަކާއި، ހޮލޯކޯސްޓާއި، ބަނޑަށްޖެހުމާއި، މަރުގެ އަދަބު ދިނުމާއި އަދި ބަލިމަޑުކަމުގެ ސަބަބުންނެވެ. އެކްސިސް ބާރުތައް ބަލިވުމާ ގުޅިގެން ޖަރުމަނުވިލާތާއި، އޮސްޓްރިއާ، ޖަޕާނު އަދި ކޮރެއާ އެހެން ގައުމުތަކުގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި ޖަރުމަނުވިލާތާއި ޖަޕާނުގެ ވެރިންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތަކާ ގުޅޭ ޝަރީއަތްތައް ކުރެވުނެވެ.

ދެވަނަ ބޮޑު ހަނގުރާމަ ފެށުނު ސަބަބުތަކުގެ ތެރޭގައި ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ހައްލުނުކުރެވި ހުރި މައްސަލަތަކާއި، ޔޫރަޕުގައި ފެޝިޒަމް އުފެދުމާއި، ޖަޕާނުގައި އަސްކަރީ ވެރިކަން އިތުރުވުން ހިމެނެއެވެ.

ޖަޕާނުގެ މަޤްޞަދަކަށްވީ އިރުމަތީ އޭޝިޔާ އަދި އޭޝިޔާ-ޕެސިފިކް ސަރަޙައްދު އަތްދަށަށް ގެނައުމެވެ. އަދި 1937 ވަނަ އަހަރާ ހަމައަށް އައިއިރު ޗައިނާގެ ޖުމްހޫރިއްޔާއާ ހަނގުރާމައިގައި ބައިވެރިވެފައިވެއެވެ. 1941 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޖަޕާނުން ދެކުނު އިރުމަތީ އޭޝިޔާ އަދި މެދު ޕެސިފިކްގައި ހުރި އެމެރިކާ އަދި ބްރިޓިޝް ސަރަޙައްދުތަކަށް ހަމަލާދިނެވެ. މީގެ ތެރޭގައި ޕާރލް ހާބަރަށް ދިން ހަމަލާވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން އެމެރިކާ އަދި އިނގިރޭސިވިލާތުން ޖަޕާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރިއެވެ. ޔޫރަޕުގެ އެކްސިސް ބާރުތަކުން އެމެރިކާއާ ދެކޮޅަށް އެއްބައިވަންތަކަމާއެކު ހަނގުރާމަ އިޢުލާނުކުރިއެވެ. ޖަޕާނުން އަވަހަށް ހުޅަނގު ޕެސިފިކްގެ ގިނަ ސަރަޙައްދުތަކެއް ހިފައިފިއެވެ. ނަމަވެސް 1942 ގައި މިޑްވޭގެ ކަނޑު ހަނގުރާމައިގައި ބަލިވުމާއެކު އެމީހުންގެ ކުރިއެރުން ހުއްޓުނެވެ. ޖަރުމަނުވިލާތާއި އިޓަލީ އުތުރު އެފްރިކާގައި އަދި ސޯވިއެޓް ޔޫނިއަންގެ ސްޓެލިންގްރާޑްގައި ބަލިކުރެވުނެވެ. 1943 ގައި ލިބުނު މުހިންމު ފަހަތްޖެހުންތަކުގެ ތެރޭގައި އިރުމަތީ ފްރަންޓްގައި ޖަރުމަނުން ބަލިވުމާއި، ސިސިލީ އަދި އިޓަލީގެ މައި އެއްގަމަށް އެލައިޑް ފޯސްތަކުން އަރައިގަތުމާއި، އަދި ޕެސިފިކްގައި އެލައިޑް ފޯސްތަކުން ހިންގި ހަމަލާތައް ހިމެނެއެވެ. މިކަންކަމުގެ ސަބަބުން އެކްސިސް ބާރުތަކުގެ އިސްނެގުން ގެއްލި، ހުރިހާ ފްރަންޓްތަކެއްގައިވެސް ސްޓްރެޓީޖިކް ގޮތުން ފަހަތަށް ޖެހެން މަޖުބޫރުވިއެވެ. 1944 ގައި ހުޅަނގުގެ އެލައިޑް ފޯސްތަކުން ޖަރުމަނުން އަތްދަށުގައި އޮތް ފްރާންސްގެ ނޯމަންޑީއަށް އަރައިގަތެވެ. އަދި ހަމައެއާއެކު ސޯވިއެޓް ޔޫނިއަނުން ގެއްލިފައިވާ ސަރަޙައްދުތައް އަނބުރާ ހޯދައި، ޖަރުމަނުވިލާތާއި އޭގެ އެކުވެރިން ހުޅަނގަށް ފަހަތަށް ޖައްސައިފިއެވެ.